މާބައިދޫ ކައުންސިލްގެ އިދާރާ Logo މާބައިދޫ ކައުންސިލްގެ އިދާރާ
ހުރިހާ ހަބަރުތައް

ކައުންސިލްގެ 3 ވަނަ މަސްރޭސް ކާމިޔާބުކަމާއެކު ނިންމާލައިފި

21 މާރޗް 2026

ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ސިލްސިލާ މަސްރޭހުގެ ތިންވަނަ މުބާރާތް މި 1447 ވަނަ އަހަރުގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. މި މަސްރޭހަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސްވެރިކަމުގެ ރޫހު ދިރުވުމުގެ މަޤްޞަދުގައި ބޭއްވޭ ހަރަކާތެކެވެ. ކޮންމެ އަހަރެއްގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކައުންސިލުން ކޮންމެ ހިޖުރީ އަހަރެއްގެ ޝައްވާލު މަހުގެ 1 ވަނަ ދުވަހު ބާއްވަމުން އަންނަ މި މުބާރާތަކީ މިހާރު ރަށުގައި ކުރިއަރަމުން އަންނަ ސްޕޯރޓްސް ފިޝިންގއަށް ހާއްޞަ ކުރެވި އަދި ލޯކަލް ޓްވަރިޒަމަށް ފުރުޞަތު ފަހި ކުރުމުގެ މަޤްޞަދާއިވެސް އެކު ކައުންސިލުން ރާވައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިފަހަރުގެ މަސްރޭހުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގައި ޖުމްލަ 63 ބައިވެރިން ވާދަކުރިއެވެ. މީގެ ތެރޭގައި ހިމެނެނީ 49 ފިރިހެން ބައިވެރިންނާއި 14 އަންހެން ބައިވެރިންނެވެ. މުބާރާތުގެ ބައިވެރިން މަހަށް ފުރާފައިވަނީ މެންދުރުފަހު 15:00 ގައެވެ. އަދި މަސްވެރިކަން ނިންމާލުމަށްފަހު ހުރިހާ ޓީމުތަކުން އެނބުރާ ލަފާފައިވަނީ ރޭގަނޑު 21:30 ގައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ނަންތައް:

1.    ޓީމް ރައިޑަރ

2.    ޓީމް ޑައިމަންޑް

3.    ފިން ފައިންޑަރ

4.    އެން އެސް ކްއީން

5.    ޓީމް ނަފާވާ

6.    ޓީމް ވިލާ ސްޕީޑް

7.    ޓީމް ކޯސޯ

8.    ޓީމް ނަލަ ސްޕީޑް

9.    ޓީމް ލެޓީންސް

10. ޓީމް އަލަމާ

މި މުބާރާތުން ހޮވުމަށް ހަމަޖެހިފައިވާ މަޤާމުތަކުގެ ތެރޭގައި މުޅި މުބާރާތުން އެއްވަނަ ޓީމް، ދެވަނަ ޓީމް، އަދި ތިންވަނަ ޓީމް ހިމެނެއެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ ބަރުމަސް ބޭނި ފަރާތަށް ދެވޭ "މާކެޔޮޅު" ގެ ލަގަބުވެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތަށް ކަނޑައެޅިފައިވާ އިނާމަށް ބަލާއިރު އެއްވަނަ ޓީމަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު 2 ވަނަ ޓީމަކަށް 3000 ރުފިޔާގެ އިތުރުން ތިންވަނަ ޓީމަކަށް 2000 ރުފިޔާ އަދި މާކޮޔޮޅަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ކައުންސިލުގެ ފަރާތުން ދޭ ގޮތަށް ހަމަޖެހިފައިވެއެވެ.

މަސްރޭހުގެ ބައިވެރިން އަނބުރާ ރަށަށް ލެފުމާއިއެކު މިހާރު ކުރިއަށްދަނީ ބޭނި މަސްތައް ކިރުމުގެ މަސައްކަތެވެ. ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މަސްތައް ކިރާ ނިމުމުން، މިރޭގެ ވަގުތެއްގައި މުބާރާތުގެ ނަތީޖާ އިޢުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމު ތަކަށް ބަލާއިރު 50 ކިލޯ ކިރުވައިގެން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ޓީމް "ކޯސޯ" އެވެ. 37 ކިލޯ ކިރުވައިގެން ދެވަނަ ހާޞިލް ކޮށްފައިވަނީ ޓީމް "ޑައިމަންޑް" އަދި 33.53 ކިލޯ ކިރުވައިގެން ތިންވަނަ ހާޞިލް ކޮށްފައިވަނީ ޓީމް "ފިން ފައިންޑަރ" އެވެ. މީގެ އިތުރުން މާކެޔޮޅުގެ ލަގަބު މިއަހަރު ހާޞިލް ކޮށްފައިވަނީ ޓީމް ޑައިމަންޑުގެ ފަޅުވެރިއެއް ކަމުގައިވާ "ޢަލީ ނަޞީޙް ނޫކޮކާގެ ލ. މާބައިދޫ" އެވެ. އޭނާ މި މަޤާމް ހާޞިލް ކޮށްފައިވަނީ ބަރުދަނުގައި "7.100" ކިލޯ ހުންނަ މަހެއް ބާނައިގެންނެވެ.

މުޅި މުބާރާތުން 1 ވަނަ ޓީމް "ކޯސޯ"

މުޅި މުބާރާތުން 2 ވަނަ ޓީމް "ޑައިމަންޑް"

މުޅި މުބާރާތުގެ 3 ވަނަ ޓީމް "ފިން ފައިންޑަރ"

މާކެޔޮޅު ޢަލީ ނަޞީޙް ނޫކޮކާގެ ލ. މާބައިދޫ (ޓީމް ޑައިމަންޑް)

ކައުންސިލުން ބާއްވާ މިފަދަ ހަރަކާތްތަކަކީ ރަށުގެ އިޖުތިމާއީ ބަދަހިކަން އިތުރުކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަން ފާހަގަކުރެވެއެވެ. މިއީ މިހާތަނަށް ކައުންސިލުން ބޭއްވި އެންމެ ގިނަ ޓީމުތައް ބައިވެރިވި މަސްރޭސްކަންވެސް ފާހަގަ ކުރަމެވެ.